Divehi - Divehi; Dhivehi; Maldivian translation އިން المالديفية ބަހުން ސޫރަތް الجن ގެ ތަރުޖަމާ
Verse 1
ކަލޭގެފާނު ވިދާޅުވާށެވެ! ޖިންނީންގެ ތެރެއިން ބަޔަކު (قرآن ގެ) އަޑު އަހައިފިކަމަށް، ތިމަންކަލޭގެފާނަށް وحى އިއްވަވައިފިއެވެ. ފަހެ (އެއުރެންގެ قوم ގެމީހުންނަށް) އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެން عجائب ވާފަދަ قرآن އެއްގެ އަޑު އަހައިފީމުއެވެ.
Verse 2
އެ قرآن މަގުދައްކަނީ، حق ތެދުމަގަށެވެ. ފަހެ، ތިމަންމެން އެ قرآن އަށް إيمان ވެއްޖައީމުއެވެ. އަދި ތިމަންމެންގެ ވެރިރަސްކަލާނގެއާ އެއްވެސް އެއްޗެއް ތިމަންމެން شريك އެއް ނުކުރާނަމެވެ.
Verse 3
އަދި އަޅަމެންގެ ވެރިރަސްކަލާނގެ عظمة ތެރިކަން މަތިވެރިވެގެންވެއެވެ. އަދި އެކަލާނގެ އަނބިކަނބަލަކުވެސް، އަދި ދަރިކަލަކުވެސް ނުހިއްޕަވައެވެ.
Verse 4
އަދި ތިމަންމެންގެ ތެރެއިން جاهل ކަންބޮޑު މީހާ، اللَّه އާމެދު حق ން އެއްކިބާވެ، ހައްދުފަހަނަޅައިފައިވާ ބަސްބުނާކަމުގައިވިއެވެ.
Verse 5
އަދި اللَّه އާމެދު އިންސިޔަކުވެސް، އަދި ޖިންނިޔަކުވެސް އެއްވެސް ދޮގެއް ނުބުނާނެކަމަށް ތިމަންމެން ހީކުރީމުއެވެ.
Verse 6
އަދި އިންސީންގެ ތެރެއިން ފިރިހެންބަޔަކު، ޖިންނީންގެ ތެރެއިން ފިރިހެންބަޔެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައިވޫއެވެ. ފަހެ (އެކަމުގެ ސަބަބުން) އެއުރެންނަށް (އެބަހީ: ޖިންނީންނަށް) އެއުރެން (އެބަހީ: އިންސީން) كافر ކަމާއި ބޮޑާކަން އިތުރުކުރޫއެވެ.
Verse 7
އަދި ތިޔަބައިމީހުން (އެބަހީ: ޖިންނީން) ހީކުރިފަދައިން އެއުރެންވެސް (އެބަހީ: އިންސީންވެސް) ހީކުރީ، اللَّه، އެއްވެސް މީހަކު އަލުން ދިރުމަކަށް ނުފޮނުއްވާނެކަމަށެވެ.
Verse 8
އަދި ތިމަންމެން އުޑުގެ خبر ހޯދަން އުޅުނީމުއެވެ. ފަހެ، ތިމަންމެންނަށް އެތަންފެނުނީ، ބަލަހައްޓަވާ، ގަދަފަދަ ملائكة ންނާއި، ގިނިހިލަތަކުން ފުރިފައިވާތީއެވެ.
Verse 9
އަދި ތިމަންމެން އެ އުޑުގެ ތަންތަނުގައި އަޑުއަހަން އިށީނދެ ތިބޭކަމުގައިވީމުއެވެ. ފަހެ، މިހާރު އެ އަޑު އަހަންއުޅޭމީހަކަށް ފެންނަހުށީ ފާރަލައިގެންވާ ގިނިހިލަޔެކެވެ.
Verse 10
އަދި ބިމުގައިވާ މީހުންނަށް އިރާދަކުރައްވާފައިވަނީ، ނުބަޔަކަށްކަން، ނުވަތަ އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންނަށް އިރާދަކުރައްވާފައިވަނީ، ތެދުމަގަކަށްކަން ތިމަންމެންނަކަށް ނޭނގެތެވެ.
Verse 11
އަދި ތިމަންމެންގެ ތެރެއިން ހެޔޮލަފާ މީހުންނާއި، އެނޫން މީހުންވެއެވެ. ތިމަންމެންވަނީ، ތަފާތު ބައިބަޔަށެވެ.
Verse 12
އަދި ތިމަންމެންނަށް ބިމުގައި اللَّه ނުކުޅައްދައި ނުލެވޭނެކަމާއި، އަދި އެކަލާނގެއަށް ފިލައިގެން ދިޔުމުގައިވެސް ނުކުޅައްދައި ނުލެވޭނެކަން ތިމަންމެން يقين ކުރަމުއެވެ.
Verse 13
އަދި ތިމަންމެން ތެދުމަގުގެ އަޑު (އެބަހީ: قرآن ގެއަޑު) އެހިހިނދު، ތިމަންމެން އެއަށް إيمان ވެއްޖައީމުއެވެ. ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއަށް إيمان ވާ މީހާ (ދަންނާށެވެ!) ފަހެ، ދަރުމަ އުނިކުރައްވައިފާނެކަމަކަށް، އަދި އަނިޔާލިބިދާނެކަމަކަށް އެމީހާ ބިރެއްނުގަންނާނެތެވެ.
Verse 14
އަދި ތިމަންމެންގެ ތެރެއިން مسلم ންވެއެވެ. އަދި ތިމަންމެންގެ ތެރެއިން ތެދުމަގުން އެއްކިބާވެފައިވާ މީހުންވެއެވެ. ފަހެ، إسلام ވި މީހުން (ދަންނާށެވެ!) ފަހެ، އެއުރެން ތެދުމަގު اختيار ކޮށްފޫއެވެ.
Verse 15
ﭝﭞﭟﭠﭡ
ﭢ
އަދި ތެދުމަގުން އެއްކިބާވި މީހުން ދަންނާށެވެ! ފަހެ، ނަރަކައިގެ ދަރު ކަމުގައި އެއުރެންވޫއެވެ.
Verse 16
އެއުރެން ތެދުމަގުގައި ސީދާވެ ތިބެއްޖެނަމަ، ތިމަންރަސްކަލާނގެ، ހަމަކަށަވަރުން، އެއުރެންނަށް ގިނަވެގެންވާ ފެން (އެބަހީ: رزق ތަނަވަސްކުރެއްވުން) ދެއްވާހުށީމެވެ.
Verse 17
(އެއީ) ތިމަންރަސްކަލާނގެ، އެއުރެން އެކަމުގައި امتحان ކުރެއްވުމަށްޓަކައެވެ. އަދި އެމީހާގެ ވެރިރަސްކަލާނގެ ހަނދުމަކުރުމުން އެއްކިބާވެއްޖެ މީހާ (ދަންނާށެވެ!) ގަދަފަދަވެގެންވާ عذاب އަކަށް އެކަލާނގެ އެމީހާ ވައްދަވާހުށްޓެވެ.
Verse 18
އަދި މިސްކިތްތައް ވަނީ اللَّه އަށެވެ. ފަހެ، ތިޔަބައިމީހުން اللَّه އާއެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާހުށިކަމެވެ!
Verse 19
އަދި اللَّه ގެ އަޅާ، އެކަލާނގެއަށް އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަތްހިނދު (އެ ޖިންނީންގެ) جماعة ތައް އެކަލޭގެފާނުގެ އަރިހަށް (އެކަލޭގެފާނު ކިޔަވައި ވިދާޅުވާ އަޑު އެހުމަށް) ބޮނޑިވެގަތުމާ ގާތްވޫއެވެ.
Verse 20
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަޅުކަންކުރައްވާކަން ކަށަވަރީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށެވެ. އަދި ތިމަންކަލޭގެފާނު އެއްވެސް ފަރާތެއް އެކަލާނގެއާ شريك އެއް ނުކުރައްވަމެވެ.
Verse 21
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ގެއްލުމެއް ދިނުމެއްވެސް، އަދި ތެދުމަގެއް ދެއްކުމެއްވެސް، ތިމަންކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެތެވެ.
Verse 22
ކަލޭގެފާނު ވިދާޅުވާށެވެ! (ތިމަންކަލޭގެފާނު އުރެދިއްޖެނަމަ) ހަމަކަށަވަރުން، اللَّه ގެ عذاب ން، ތިމަންކަލޭގެފާނު މިންޖުކުރާނޭ ހަމައެކަކުވެސް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި ސަލާމަތްވުމަށްދާނޭ އެހެންފަރާތެއް ތިމަންކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.
Verse 23
އެހެނެއްކަމަކު (ތިމަންކަލޭގެފާނަށްއޮތީ) اللَّه ގެ حضرة ން އަންގަވާ އެންގެވުމަކާއި، އެކަލާނގެ رسالة ތައް އިއްވެވުމެވެ. اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދޭ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްހުރީ، ނަރަކައިގެ އަލިފާނެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ.
Verse 24
އެއުރެންނަށް وعد ކުރައްވާފައިވާ عذاب ފެނިއްޖައުމަށް ދާނދެނެވެ. ފަހެ، އެހިނދު نصر ދޭ މީހުންގެ ގޮތުން ނިކަމެތި، އަދި عدد ގެގޮތުން މަދީ ކޮންބަޔެއްކަން ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ.
Verse 25
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް وعد ކުރައްވާ عذاب ގާތްވެއްޖެކަމެއްވެސް، ނުވަތަ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަމަކަށް ދިގުމުއްދަތެއް ލައްވާނެކަމެއްވެސް ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަނެތެވެ.
Verse 26
(އެކަލާނގެއީ) غيب ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެ غيب އެއްވެސް މީހަކަށް ފާޅެއްނުކުރައްވަތެވެ.
Verse 27
އެކަލާނގެ ރުހިވޮޑިގެންވާ رسول އަކަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެކަލާނގެ އެ رسول އެއްގެ ކުރިފުޅުމަތިންނާއި، ފަހަތްޕުޅުން ބަލަހައްޓަވާ ملائكة ން ފޮނުއްވަތެވެ.
Verse 28
(އެއީ) އެބޭކަލުންގެ ވެރިރަސްކަލާނގެ رسالة ތައް އެބޭކަލުން އިއްވެވިކަން ދެނެވޮޑިގެންވެ، އެކަން ހާމަވުމަށްޓަކައެވެ. އަދި އެބޭކަލުންގެ މެދުގައި ވާހާ ކަމެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެކަލާނގެ ހުރިހާ އެއްޗެއްގެ عدد ދެނެވޮޑިގެންވެތެވެ.
تقدم القراءة