ترجمة سورة الكهف

Divehi - Divehi; Dhivehi; Maldivian translation
ترجمة معاني سورة الكهف باللغة المالديفية من كتاب Divehi - Divehi; Dhivehi; Maldivian translation .


حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އެކަލާނގެ އަޅާއަށް ފޮތް ބާވައިލެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އެ ފޮތުގައި، އެއްވެސް ގުދުކަމެއް (ނުސީދާކަމެއް) ނުލައްވަތެވެ.

(އެ ފޮތް ބާވައިލެއްވީ) ސީދާވެގެންވާ ފޮތެއްކަމުގައެވެ. އެކަލާނގެ حضرة ން (كافر ންނަށް) ހުރި ގަދަފަދަ عذاب އެއްގެ ވާހަކައިން إنذار ކުރެއްވުމަށެވެ. އަދި صالح عمل ތައްކުރާ مؤمن ންނަށް، ހެޔޮވެގެންވާ ދަރުމަހުރިކަމުގެ އުފާވެރި خبر ދެއްވުމަށެވެ.

އެ ދަރުމައިގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ.

އަދި اللَّه، ދަރިކަލަކު ހިއްޕެވިކަމަށް ބުނިމީހުންނަށް إنذار ކުރެއްވުމަށްޓަކައެވެ.

އެއުރެންނަކަށްވެސް، އަދި އެއުރެންގެ ކާބަފައިންނަކަށްވެސް (އެއުރެން އެބުނާ ބަހާމެދު) އެއްވެސް علم އެއް ލިބިފައެއް ނުވެއެވެ. އެއުރެންގެ އަނގަތަކުން އެނުކުންނަ ބަހެއްގެ ބޮޑުކަމާއެވެ! އެއުރެން އެ ބުނަނީ، ދޮގެއްކަމުގައިނޫނީ ނުވެއެވެ.

އެއުރެން މި قرآن އަށް إيمان ނުވިނަމަ، އެއުރެން ކަލޭގެފާނަށް މޫނުއަނބުރާލައި ދިޔަކަމުގެ މައްޗަށް ހިތާމައިން ކަލޭގެފާނުގެ نفس ހަލާކުކޮށްލައްވަނީތޯއެވެ؟ (އެބަހީ: އެހެން ނުހައްދަވާށެވެ!)

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ބިންމަތީގައިވާހާ ތަކެއްޗެއް، އެ ބިމުގެ ޒީނަތެއްކަމުގައި ލެއްވީމެވެ. (އެއީ) އެއުރެންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށެވެ.

އަދި ހަމަކަށަވަރުން، އެ ބިންމަތީގައިވާހާ ތަކެތި (ނެތިކުރައްވައި) ގަހެއް ރުކެއް ނެތް ހަނަފަސް ބިމެއްކަމުގައި ލައްވާހުށީމެވެ.

އަދި ކިއެއްތަ! كهف ބާގައިމީހުންނާއި، އެއުރެންގެ ނަންތަކާއި އެއުރެންގެ خبر ތައް ލިޔެވިފައިވާ ފިލާގެ ވާހަކައަކީ، ތިމަންރަސްކަލާނގެ آية ތަކުގެ ތެރެއިން عجائب އަކަށްވީކަމުގައި، ކަލޭގެފާނު ހީފުޅުކުރެއްވީ ހެއްޔެވެ؟

އެ ޒުވާނުން، އެ ހޮހަޅަޔަށް ވަންހިނދު، ހަނދުމަކުރާށެވެ! ފަހެ، އެ ޒުވާނުން ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން އަޅަމެންނަށް رحمة އެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ!

ފަހެ، ހޮހަޅައިގައި އެތައް އަހަރެއްވާނދެން، ތިމަންރަސްކަލާނގެ އެއުރެން ގަދަނިއްޖެއްގައި ބައިތިއްބެވީމެވެ.

ދެން ތިމަންރަސްކަލާނގެ އެއުރެން (ނިދީން ހޭލައްވައި) އަލުން ފޮނުއްވީމެވެ. (އެއީ) އެއުރެން (ނިދާފައި) ތިބި މުއްދަތު އެންމެ ހަމަޔަށް ހިމަނަނީ، ދެބައިމީހުންކުރެ ކޮންބަޔެއްކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަން ހާމަކުރެއްވުމަށެވެ.

ތިމަންރަސްކަލާނގެ، ކަލޭގެފާނަށް އެއުރެންގެ خبر ތެދަށް ކިޔައިދެއްވަމެވެ. ހަމަކަށަވަރުން، އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެއަށް إيمان ވެ، އެއުރެންނަށް، ތިމަންރަސްކަލާނގެ ތެދުމަގު އިތުރުކުރައްވާފައިވާ ޒުވާން ފިރިހެނުން ތަކެކެވެ.

އަދި އެއުރެން ތެދުވެ، ތިމަންމެންގެ ވެރިރަސްކަލާނގެއީ، އުޑުތަކާއި ބިމުގެ ވެރިރަސްކަލާނގެއޭ، ތިމަންމެން އެކަލާނގެނޫން إله އަކަށް އަޅުކަމެއް ނުކުރާނޫއޭ ބުނިހިނދު، ތިމަންރަސްކަލާނގެ އެއުރެންގެ ހިތްތަކަށް ގަދަކަން ދެއްވީމެވެ. (އެނޫން ގޮތަކަށް ތިމަންމެން ބުނެފިނަމަ) ތިމަންމެން އޭރުން އެބުނީ، އަނިޔާވެރިކަމާއި، كفر ގެ ނިހާޔަތަށް ގޮސްފައިވާ ބަހެއްކަން ކަށަވަރެވެ.

މިތިބީ އެކަލާނގެ ފިޔަވައި އަޅުކަންކުރުމަށް إله ން ތަކެއް ހަދައިގެންތިބި، އަހަރެމެންގެ قوم ގެމީހުންނެވެ. (އެ ބުދުތަކަށް އަޅުކަންކުރުމަށް) ފާޅުވެގެންވާ حجّة އެއް، އެއުރެން ނުގެންނަނީ ކީއްވެގެންހެއްޔެވެ؟ اللَّه އާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެ، އަނިޔާވެރިކަންބޮޑު މީހަކީ ފަހެ ކާކުހެއްޔެވެ؟

(އެ ޒުވާނުން އެއްބަޔަކު އަނެއްބަޔަކަށް ބުނޫއެވެ.) ތިޔަބައިމީހުން އެއުރެންނާ ވަކިވެ، އަދި اللَّه ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗާ ވަކިވެގަންނަހިނދު، ތިޔަބައިމީހުން ހޮހަޅައިގެ ހިޔާވަހިކަން ލިބިގަންނާށެވެ! އޭރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންނަށް އެކަލާނގެ رحمة ތަނަވަސްކޮށްދެއްވައި، ތިޔަބައިމީހުންގެ ކަންތައް، ތިޔަބައިމީހުންނަށް ފަހިކޮށްދެއްވައި، ބޭނުންތައް حاصل ކޮށްދެއްވާނެތެވެ.

އިރުއަރައިގެން އަންނަހިނދު، އެއުރެންގެ ހޮހަޅައިގެ ކަނާތްފަރާތަށް، އިރު ލަނބާލައިގެންދާތީ، ތިބާއަށް ފެންނާނެތެވެ. އަދި އިރުއޮއްސެންދާހިނދު، ވާތްފަރާތަށް އެއުރެން ދޫކޮށް ފަހަނަޅައިދެއެވެ. އޭރު އެއުރެންވަނީ، ހޮހަޅައިގެ ތަނަވަސް ތަނެއްގައެވެ. އެކަންތައްވަނީ، اللَّه ގެ آية ތަކުގެތެރެއިންނެވެ. اللَّه ތެދުމަގު ދެއްކެވިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގު ދައްކާނޭ އެހީތެރިޔަކު ތިބާޔަކަށް ނުފެންނާނެތެވެ.

އަދި އެއުރެން ނިދާފައި ތިބިއިރު، ތިބާޔަށް ހީވާނީ، ހޭލައިތިބި ބަޔެއްހެންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެން ކަނާތްފަރާތަށާއި، ވާތްފަރާތަށް ފުުރޮޅުއްވަމެވެ. އަދި އެއުރެންގެ ކުއްތާ އޮތީ، އޭގެ ދެއަތް ދަމާލައިގެން (ހޮހަޅައިގެ) ދޮރުމަތީގައެވެ. އެއުރެންނަށް ތިބާ ބަލާލައިފިނަމަ، ހަމަކަށަވަރުން، ތިބާ އެއުރެންނާ ދުރަށްދުވެ ފިލާނެތެވެ. އަދި ހަމަކަށަވަރުން، ތިބާ އެއުރެންދެކެ ބިރުން ފިތްކަނޑައިގެން ހިނގައިދާނެތެވެ.

އެފަދައިން ތިމަންރަސްކަލާނގެ އެއުރެން (ނިދިން ހޭލައްވައި) އަލުން ފޮނުއްވީމެވެ. (އެއީ) އެއުރެންގެ އެކަކު އަނެކަކާ سؤال ކުރުމަށެވެ. އެއުރެންކުރެ ބުނިމީހަކު ބުންޏެވެ. ތިޔަބައިމީހުން (މިތާނގައި) ތިބީ، ކިތައްދުވަހުހެއްޔެވެ؟ އެއުރެން ބުނޫއެވެ. ތިމަންމެންތިބީ، އެއްދުވަހު، ނުވަތަ ދުވަހެއްގެ ބައެއްގައެވެ. އެމީހުން ބުނޫއެވެ. ތިޔަބައިމީހުންތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުންގެ މިފައިސާ ހިފައިގެން ތިޔަބައިމީހުންކުރެ އެކަކު، ރަށުތެރެއަށް ފޮނުވައިބަލާށެވެ! އެމީހަކު އެންމެރަނގަޅު، حلال ކާނާއެއް ބަލާހުށިކަމެވެ! އަދި އެއިން ކާއެތިކޮޅެއް ތިޔަބައިމީހުންނަށް ގެންނަހުށިކަމެވެ! އަދި އެމީހަކު ރައްކާތެރިކަމާއެކު، މަޑުމައިތިރިވެ އުޅޭހުށިކަމެވެ! އަދި އެއްވެސް މީހަކަށް ތިޔަބައިމީހުންގެ خبر އެނގުނަދީގެން ނުވާނެއެވެ.

ހަމަކަށަވަރުން، އެއުރެންނަށް ތިޔަބައިމީހުންގެ خبر އެނގިއްޖެނަމަ، ގަލުން ތަޅައި، ތިޔަބައިމީހުން މަރައިފާނެތެވެ. ނުވަތަ އެއުރެންގެ دين އަށް ތިޔަބައިމީހުން ވައްދައިފާނެތެވެ. އޭރުން، ތިޔަބައިމީހުން ދުވަހަކުވެސް ނުދިނޭނެތެވެ.

އަދި ހަމައެފަދައިން، ތިމަންރަސްކަލާނގެ އެއުރެންނެރެ ދެއްކެވީމެވެ. އެއީ اللَّه ގެ وعد ފުޅަކީ، حق ތެދުކަމާއި، قيامة ދުވަހާމެދު شك އެއް ނެތްކަން އެއުރެން ދެނެގަތުމަށެވެ. އެހިނދު، އެ ޒުވާނުންގެ ކަންތަކާމެދު އެއްބަޔަކު އަނެއްބަޔަކާ ޒުވާބުކުރެތެވެ. ފަހެ، އެއްބަޔަކު ބުނޫއެވެ. އެ ޒުވާނުންގެ ވަށައިގެން ބިނާއެއް ހަދާށެވެ! އެ ޒުވާނުންގެ ކަންތައް ދެނެވޮޑިގަތުންބޮޑީ، އެއުރެންގެ ވެރިރަސްކަލާނގެއެވެ. އެއުރެންގެ ކަންތަކުގެ މައްޗަށް ގަދަވެގަތްމީހުން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެން އެ ޒުވާނުން ތިބިތާނގައި، މިސްކިތެއް ބިނާކުރާނީއެވެ.

އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ. އެއީ ތިންމީހުންނެވެ. އެއުރެންކުރެ ހަތަރުވަނައަކީ އެއުރެންގެ ކުއްތާއެވެ. އަދި އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ. އެއީ ފަސްމީހުންނެވެ. އެއުރެންގެ ހަވަނައަކީ އެއުރެންގެ ކުއްތާއެވެ. ހީއަކަށް غيب ގެ ވާހަކަ ދައްކަނީއެވެ. އަދި އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ. އެއީ ހަތްމީހުންނެވެ. އެއުރެންގެ އަށްވަނައަކީ އެއުރެންގެ ކުއްތާއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ عدد ދެނެވޮޑިގަތުންބޮޑީ، ތިމަންގެ ވެރިރަސްކަލާނގެއެވެ. މަދުބަޔަކަށްމެނުވީ އެއުރެންގެ عدد އެއް ނޭނގެތެވެ. ފަހެ، ފާޅުވެގެންވާ جدل އަކުން މެނުވީ، އެއުރެންނާ ދޭތެރޭގައި ކަލޭގެފާނު جدل ނުކުރައްވާށެވެ! އަދި އެއުރެންނާ ދޭތެރޭގައި އެ جدل ކުރާ މީހުންކުރެ އެކަކާވެސް ކަލޭގެފާނު سؤال ނުކުރައްވާށެވެ!

އަދި ކަލޭގެފާނު އެއްވެސްކަމަކާ ދޭތެރޭގައި، ހަމަކަށަވަރުން، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާހުށިކަމެވެ!

اللَّه އިރާދަކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ. އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަ ކުރައްވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވައިފާށިއެވެ!

އެއުރެންގެ ހޮހަޅައިގައި، އެއުރެން ތިންސަތޭކަ އަހަރާއި އަދި އިތުރަށް ނުވަ އަހަރު ތިބޫއެވެ.

ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން ތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، اللَّه އެވެ. އުޑުތަކާއި، ބިމުގެ غيب (ދެނެވޮޑިގަތުން) ވަނީ، އެކަލާނގެއަށެވެ. އެކަލާނގެ ބައްލަވާވޮޑިގަތުމާއި، އައްސަވާވޮޑިގަތުން ބޮޑުކަމާއެވެ! އެއުރެންނަށް އެކަލާނގެ ފިޔަވައި އެއްވެސް އެހީތެރިޔަކު ނުވެއެވެ. އަދި އެކަލާނގެ حكم ފުޅުގައި އެއްވެސްމީހަކު ބައިވެރިޔެއް ނުކުރައްވަތެވެ.

ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮތުން، ކަލޭގެފާނަށް وحى ކުރެއްވި ތަކެތި ކިޔަވައިވިދާޅުވާށެވެ! އެކަލާނގެ كلمة ފުޅުތަކަށް ބަދަލުގެނެވޭނޭ އެކަކުވެސް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި އެހީއަށްއެދި، އެނބުރި ވަޑައިގަންނަވާނެ ފަރާތެއް، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.

އަދި އެއުރެންގެ ވެރިރަސްކަލާނގެ وجه ފުޅު އެދިގެން، އެކަލާނގެއަށް ހެނދުނާއި، ހަވީރު دعاء ކޮށް އަޅުކަންކޮށްއުޅޭ މީހުންނާއެކު، ކަލޭގެފާނުގެ نفس ހިފަހައްޓަވައި، ކެތްކުރައްވާށެވެ! އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން، ކަލޭގެފާނުގެ ލޯފުޅު، އެއުރެން ފިޔަވައި ފަހަނަޅައި ދިޔަނުދެއްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް غافل ކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް تبع ވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!

އަދި ކަލޭގެފާނު ވިދާޅުވާށެވެ! (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ حق ތެދެވެ. ފަހެ، ބޭނުންމީހަކު إيمان ވާށެވެ! އަދި ބޭނުންމީހަކު كافر ވާށެވެ! ހަމަކަށަވަރުން، كافر ވެ، އަނިޔާވެރިވެގަތް މީހުންނަށް، ތިމަންރަސްކަލާނގެ ނަރަކަ ތައްޔާރުކުރެއްވީމެވެ. އެ ނަރަކައިގެ (އަލިފާނުގެ) ފާރުތައް އެއުރެން ވަށާލައިގެންވެއެވެ. އެއުރެން ފެނަށްއެދި ގޮވާލައިފިނަމަ، އެއުރެންނަށް ދެއްވާނީ، ތެޔޮކުނޑިފަދަ (ހޫނުކަންގަދަ) ފެނެކެވެ. (އެއިން) މޫނުތައް ފިއްސައިލާނެތެވެ. (އެއުރެންނަށްލިބޭ) ބުއިމުގެ ނުބައިކަމާއެވެ! އަދި ތިބޭތަނެއްގެ ގޮތުން އެ ނަރަކައިގެ ނުބައިކަމާއެވެ!

ހަމަކަށަވަރުން، إيمان ވެ صالح عمل ތައްކުޅަމީހުން (ދަންނާށެވެ!) ހެޔޮކޮށް ކަންތައްކުޅަ މީހެއްގެ ދަރުމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ.

އެއުރެންނަށް، عدن އޭ ކިއުނު ސުވަރުގެތައް ހުށްޓެވެ. އެއުރެންގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެއެވެ. އެތާނގައި ރަނުގެ އުޅާތަކުން އެއުރެންގައި ގަހަނާ އަޅުއްވާނެތެވެ. އަދި ފެހިކުލައިގެ سُندُس އާއި إستَبرَق (އެބަހީ: ފަލަފަށުއި) ފޭރާން ލާނެތެވެ. އެތާނގައި އެއުރެން ދާންތަކުގެ މަތީގައި ލެނގިލައިގެންތިބޭ حال ގައެވެ. (އެއުރެންނަށްހުރި) ثواب ގެ މޮޅުކަމާއެވެ! އަދި (އެއުރެން) ތިބެނިވިތަނެއްގެ ގޮތުން އެތާނގެ ރަނގަޅުކަމާއެވެ!

ކަލޭގެފާނު އެއުރެންނަށް ދެފިރިހެނެއްގެ مثال ޖައްސަވައިދެއްވާށެވެ! އެ ދެމީހުންކުރެ އެކަކަށް، މޭބިސްކަދުރުގެ ދެ ބަގީޗާ ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި އެ ދެ ބަގީޗާގެ ވަށައިގެން ކަދުރުރުއްތައް ލެއްވީމެވެ. އަދި އެދެމެދުގައި ދަނޑުގޮވާންވެސް ލެއްވީމެވެ.

އެ ދެ ބަގީޗާގައިމެ، މޭވާއައިސް އެއިން އެއްވެސް އެއްޗެއް އުންޏެއް ނުވެއެވެ. އަދި އެ ދެ ބަގީޗާގެ ދެމެދުން ކޯރެއް ހިންގެވީމެވެ.

އަދި އޭނާއަށް (އެހެނިހެން) މުދާތައްވެސްވެއެވެ. ފަހެ، އޭނާ، އޭނާގެ އެކުވެރިޔާއާ ވާހަކަދައްކަމުން (ބޮޑާވެފައި) ބުންޏެވެ. ކަލެޔަށްވުރެ އަހުރެންގެ މުދާ ގިނައެވެ. އަދި (އަހުރެންގެ ދަށުގައިވާ) މީހުން ގިނަކަމުގެގޮތުން، ގަދަފަދަވެފައި عزّة ބޮޑެވެ.

އަދި އޭނާގެ އަމިއްލަ نفس އަށް އަނިޔާވެރިވެގެންވާ حال، އޭނާގެ ބަގީޗާއަށް ވަދެބުންޏެވެ. ދުވަހަކުވެސް މިތަކެތި ހަލާކުވެ ފަނާވެދާނެކަމަށް އަހުރެން ހީއެއް ނުކުރަމެވެ.

އަދި قيامة ވާނޭ ކަމަކަށްވެސް އަހުރެން ހީއެއް ނުކުރަމެވެ. އަދި އަހުރެންގެ ވެރިރަސްކަލާނގެ حضرة އަށް އަހުރެން ރައްދުކުރެއްވިޔަސް މިއަށްވުރެ ރަނގަޅުގޮތް، އަހުރެންނަށް ފެންނާނެކަން ކަށަވަރެވެ.

(جواب ގައި) އޭނާގެ އެކުވެރިޔާ އޭނާއާ ވާހަކަ ދައްކަމުން އޭނާއަށް ބުންޏެވެ. ވެލިން ކަލޭހައްދަވައި (އެބަހީ: آدم ގެފާނު ހައްދަވައި) ދެން މަނިފޮދަކުން ކަލޭ ހައްދަވައި، ދެން ފުރިހަމަ ފިރިހެނަކަށް ކަލޭ ހެއްދެވި ރަސްކަލާނގެއަށް ކަލޭ كافر ވީ ހެއްޔެވެ؟

އެހެނެއްކަމަކު، އެއީ އަހުރެންގެވެރި اللَّه އެވެ. އަދި އަހުރެންގެ ވެރިރަސްކަލާނގެއަށް އެކަކުވެސް އަހުރެން شريك އެއް ނުކުރަމެވެ.

އެހެނެއްކަމަކު، އެއީ އަހުރެންގެވެރި اللَّه އެވެ. އަދި އަހުރެންގެ ވެރިރަސްކަލާނގެއަށް އެކަކުވެސް އަހުރެން شريك އެއް ނުކުރަމެވެ.

އަދި ކަލޭގެ ބަގީޗާއަށް، ކަލޭ ވަންހިނދު، اللَّه އިރާދަކުރެއްވިކަމެއްވާނެއޭ ބުނިނަމަ، ކޮންފަދަހެއްޔެވެ! އެއްވެސް ބާރެއް اللَّه ގެ حضرة ން މެނުވީ ނުވެއެވެ. ކަލެޔަށްވުރެ އަހުރެންގެ މުދަލާއި ދަރިން މަދުކަމުގައި ކަލެޔަށް ފެނުނަސް، ފަހެ، ކަލޭގެ ބަގީޗާއަށްވުރެ މާހެޔޮވެގެންވާ نعمة އަހުރެންގެ ވެރިރަސްކަލާނގެ އަހުރެންނަށް ދެއްވައިފާށިއެވެ! އަދި އެ ބަގީޗާގެ މައްޗަށް އުޑުން އާފާތެއް ފޮނުއްވައި، ގަހެއް ރުކެއްނެތް އޮމާން ބިމަކަށް އެތަންވެދާނެތެވެ.

ނުވަތަ އެތާނގެ ފެން، ބިންގަނޑުގެ ތެރެޔަށް އަޑިޔަށް ހިނގައިދާނެތެވެ. ދެން އެ ފެން އަތުލުމަކަށް ކަލެޔަކަށް ކުޅަދާނަވެގެނެއް ނުވާނެތެވެ.

އަދި އޭނާގެ މުދާތައް (ބަގީޗާއާއެކު) ހަލާކުވެ ހިނގައްޖެއެވެ. އަދި އެ ބަގީޗާގެ ގަސްތައް، އަށިގަނޑުތަކާއެކު ވެއްޓިފައިވާ حال، އެ ބަގީޗާ ހެއްދުމަށް އޭނާކުޅަ خرد ތަކުގެ މައްޗަށް، ހިތާމައިން ދެއަތް ފުރޮޅަފުރޮޅައިހުރެ ބުނެތެވެ. އޭ ސަހަރޯއެވެ! އަހުރެންގެ ވެރިރަސްކަލާނގެއާ އެކަކުވެސް އަހުރެން شريك ނުކުރިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ؟

އަދި اللَّه ފިޔަވައި، އޭނާއަށް نصر ދޭނޭ ބަޔަކު އޭނާއަކަށް ނުވިއެވެ. އަދި އޭނާއަކީ، نصر ލިބޭނޭ މީހަކު ކަމުގައިވެސް ނުވިއެވެ.

އެތާނގައި (އެބަހީ: قيامة ދުވަހުން) އެހީތެރިކަން ދެއްވުން ملك ވެގެންވަނީ، حق ވަންތަ اللَّه އަށެވެ. އެކަލާނގެއީ، ثواب ދެއްވުމުގައި އެންމެހެޔޮ ރަސްކަލާނގެއެވެ. އަދި އެންމެފަހުގެ ނިމުން ދެއްކެވުމުގައި، އެންމެހެޔޮ ރަސްކަލާނގެއެވެ.

ކަލޭގެފާނު އެއުރެންނަށް ދުނިޔޭގެ ދިރިއުޅުމުގެ مثال ޖައްސަވައިދެއްވާށެވެ! ތިމަންރަސްކަލާނގެ އުޑުންވެއްސެވި ފެނެއްގެ مثال އެވެ. ދެން ބިމުގެ ގަސްތައް އެ ފެނާއެކުވެ (ތާޒާކަންލިބި ހެދިގަތުމަށްފަހު) ވަޔާބުރައިގެންދާ ހިކި ކުނޑިތަކަކަށްވެދެއެވެ. ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.

މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ. އަދި ދެމިހުންނަނިވި صالح عمل ތައް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި ثواب ގެގޮތުން މާހެޔޮކަން ބޮޑެވެ. އަދި އެދޭ އެދުމެއްގެ ގޮތުން މާހެޔޮކަން ބޮޑުމެއެވެ.

އަދި ތިމަންރަސްކަލާނގެ ފަރުބަދަތައް ލުހެލައްވައި، ފުނޑުފުނޑުކޮށްލައްވާ ދުވަސް ހަނދުމަކުރާށެވެ! (އެދުވަހުން) ބިންގަނޑު ހަމަހަމަވެ ފާޅުވެގެންވާތީ ތިބާދެކޭނޫއެވެ. އަދި އެއުރެން محشر އަށް ފޮނުއްވާހުށީީމެވެ. ފަހެ، އޭގެތެރެއިން ހަމައެކަކުވެސް ދޫނުކުރައްވާހުށީމެވެ.

އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ސަފުސަފަށް އެއުރެން ހުށަހެޅޭނެތެވެ. (އަދި اللَّه وحى ކުރައްވާނެތެވެ.) ތިމަންރަސްކަލާނގެ އެންމެފުރަތަމަފަހަރު ތިޔަބައިމީހުން ހެއްދެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة އަށް ތިޔަބައިމީހުން އަތުވެއްޖައީމުއެވެ. އަދި ކީއްހެއްޔެވެ! ތިޔަބައިމީހުން ހީކުޅައީ (محشر އަށް ފޮނުއްވުމަށް) ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ވަގުތެއް ކަނޑަނާޅުއްވާނޭކަމަށެވެ.

އަދި (ކޮންމެ މީހަކުމެ ކޮށްފައިވާ عمل ތަކުގެ) ފަތް (އެމީހަކަށް) ދެއްވާނެތެވެ. ފަހެ، އެ ފަތުގައިވާ ތަކެއްޗާމެދު، ކުށްވެރިން ބިރުގެންފައިވާތީ ތިބާ ދެކޭނޫއެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށް މިވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް، އެ ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެއެވެ. އަދި އެއުރެންކުޅަ އެންމެހައި عمل ތައް އެ ފަތުގައިވާތީ، އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ.

ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން آدم ގެފާނަށް سجدة ކުރާށެވެ! ދެން إبليس މެނުވީ، އެ އެންމެ ބޭކަލުން سجدة ކުރެއްވޫއެވެ. އެ إبليس ވީ ޖިންނީންގެ ތެރެއިންނެވެ. ދެން އޭނާގެ ވެރިރަސްކަލާނގެ އަމުރުފުޅަށް އޭނާ ނުކިޔަމަންތެރިވިއެވެ. ފަހެ، އެ إبليس އާއި، އޭނާގެ ދަރިފަސްކޮޅު، ތިމަންރަސްކަލާނގެ ފިޔަވައި އެހީތެރިން ކަމުގައި ތިޔަބައިމީހުން ހަދަނީ ހެއްޔެވެ؟ އެއުރެންނަކީ، ތިޔަބައިމީހުންނަށްހުރި عدوّ ންނެވެ. އަނިޔާވެރިންނަށްހުރި ބަދަލެއްގެ ނުބައިކަމާއެވެ!

އުޑުތަކާއި، ބިން ހެއްދެވުމުގައި، ތިމަންރަސްކަލާނގެ އެއުރެން ހެތްކެއް ނުކުރައްވަމެވެ. އަދި އެއުރެންގެ އަމިއްލަ نفس ތައް ހެއްދެވުމުގައިވެސްމެއެވެ. އަދި މަގުފުރައްދާ شيطان ންނީ، އެހީތެރިންކަމުގައި ތިމަންރަސްކަލާނގެ ނުހިއްޕަވަމެވެ.

އަދި ތިމަންރަސްކަލާނގެ ބައިވެރިންކަމުގައި ތިޔަބައިމީހުން ހީކޮށްގެން އުޅުނު ތަކެއްޗަށް، ތިޔަބައިމީހުން ގޮވައިބަލާށޭ އެކަލާނގެ وحى ކުރައްވާ ދުވަސް ހަނދުމަކުރާށެވެ! ފަހެ، އެއުރެން އެތަކެއްޗަށް ގޮވާނެތެވެ. ނަމަވެސް އެތަކެތި އެއުރެންނަކަށް جواب އެއް ނުދޭނެތެވެ. އަދި އެއުރެންގެ މެދުގައި ހުރަހެއް (އެބަހީ: ނަރަކައިގެ ވާދީއެއް) ތިމަންރަސްކަލާނގެ ލައްވާހުށީމެވެ.

ކުށްވެރިންނަށް ނަރަކަ ފެނި، އެ ނަރަކައަށް އެއުރެން ވެއްޓޭނޭކަމުގައި އެއުރެންނަށް يقين ވާނެތެވެ. އަދި އެ ނަރަކައާ ދުރަށް ފިލަންދާނޭ ތަނެއް އެއުރެންނަކަށް ނުފެންނާނެތެވެ.

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މި قرآن ގައި ހުރިހާ ބާވަތަކުންވެސް މީސްތަކުންނަށް مثال ބަޔާންކުރެއްވީމެވެ. އަދި جدل ކުރުންގިނަ މީހަކުކަމުގައި އިންސާނާ ވިއެވެ.

އިސްވެދިޔަމީހުންނަށް ވެގެންދިޔަގޮތް އެއުރެންނަށްވެސްވުން، ނުވަތަ އެއުރެންނަށް ފެންނަގޮތުގައި عذاب އައުން (އެބަހީ: އެކަމަށްއެދި انتظار ކުރުން) މެނުވީ، މީސްތަކުންނަށް ތެދުމަގު އައިހިނދު، އެއުރެން إيمان ވުމާއި، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުންއެދި ދެންނެވުން، އެއުރެންނަށް މަނާއެއް ނުކުރެތެވެ.

އަދި އުފާވެރިކަމުގެ خبر ދެއްވާ ބޭކަލުންކަމުގައްޔާއި، إنذار ކުރައްވާ ބޭކަލުންކަމުގައި މެނުވީ، ތިމަންރަސްކަލާނގެ رسول ން ނުފޮނުއްވަމެވެ. އަދި كافر ވީ މީހުން باطل ގޮތުން جدل ކުރެތެވެ. (އެއީ) އެގޮތުން އެއުރެން، حق އަކީ، باطل އެއްޗެއް ކަމުގައި ހެދުމަށެވެ. އަދި ތިމަންރަސްކަލާނގެ آية ތަކާއި، އެއުރެންނަށް إنذار ކުރައްވާފައިވާ ކަންތައް ފުރައްސާރައެއްކަމުގައި އެއުރެން ހެދޫއެވެ.

އެމީހެއްގެ ވެރިރަސްކަލާނގެ آية ތަކުން އެމީހަކަށް ހަނދާންކޮށްދެއްވުމުން، އެ آية ތަކަށް ފުރަގަސްދީ، އެނބުރިގަނެ، އަދި އޭނާ އިސްކުޅަ عمل ތައް ހަނދާންނެތުނު މީހާއަށްވުރެ އަނިޔާވެރިކަންބޮޑީ ފަހެ، ކާކުހެއްޔެވެ؟ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް އެ قرآن ވިސްނުމަށް ހުރަސްއަޅާ ހުރަސްތަކެއް، އެއުރެންގެ ހިތްތަކުގައި ލެއްވީމެވެ. އަދި އެއުރެންގެ ކަންފަތްތަކުގައި ބީރުކަމެއް ލެއްވީމެވެ. އަދި ކަލޭގެފާނު އެއުރެންނަށް ތެދުމަގަށް ގޮވައިލައްވައިފިނަމަ، ފަހެ، އޭރުން އެއްގޮތަކަށްވެސް އެއުރެން ތެދުމަގު ލިބިއެއް ނުގަންނާނެތެވެ.

ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحمة ގެ ވެރިރަސްކަލާނގެއެވެ. އެއުރެން ހޯދި (ނުބައި) ކަންތަކަށް އެކަލާނގެ އެއުރެންނަށް (ވަގުތުން) عقاب ދެއްވާނަމަ، އެއުރެންނަށް عذاب އަވަސްކުރެއްވީސްކަން ކަށަވަރެވެ. އަދި ކީއްހެއްޔެވެ! އެއުރެންނަށް موعد އެއް ވެއެވެ. އެއިން ރެކިގެންގޮސް ވަންނާނެ ތަނެއް އެއުރެންނަކަށް ނުފެންނާނެތެވެ.

އަދި އެއީ އެއުރެން އަނިޔާވެރިވީހިނދު، ތިމަންރަސްކަލާނގެ ހަލާކު ކުރެއްވި ރަށްތަކުގެ މީހުންނެވެ. އަދި އެއުރެން ހަލާކުވެދިއުމަށް ކަނޑައެޅިގެންވާ ވަގުތެއް ތިމަންރަސްކަލާނގެ ލެއްވީމެވެ.

موسى ގެފާނު އެކަލޭގެފާނުގެ خادم ކުއްޖާއަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ދެކަނޑު ގުޅުނު ހިސާބަށް ތިމަންކަލޭގެފާނު ފޯރައްޖައުމަށް ދާނދެން، ނުވަތަ ޒަމާންތަކެއް ވޭތިކުރައްވައިފުމަށްދާނދެން (ހިންގެވުން) ދުލެއް ނުކުރައްވާހުށީމެވެ.

ފަހެ، އެ ދެކަނޑު ދެމެދު ގުޅުނު ހިސާބަށް އެ ދެކަލުންނަށް واصل ވެވުނު ހިނދު، އެ ދެކަލުންގެ (އެކުގައި ގެންދެވި ލޮނުއެޅި) މަހުގެ މަތިން އެ ދެކަލުން ހަނދުމަނެތިއްޖެއެވެ. ފަހެ (އޭރު) އެ މަސް ހަނިހަނިމަގަކުން ލައިގެން ކަނޑުގެތެރެއަށް ހިނގައްޖެއެވެ.

ފަހެ، އެ ދެކަލުން (އެތަން) ފަހަނަޅައި ވަޑައިގެންނެވިހިނދު، އެކަލޭގެފާނުގެ خادم ކުއްޖާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެންގެ ދުވާލުގެ ކެއުން ތިމަންމެންނަށް ގެނެސްދޭށެވެ! ހަމަކަށަވަރުން، ތިމަންމެންގެ މި ދަތުރުން ތިމަންމެންނަށް ވަރަށްބޮޑު ވަރުބަލިކަމެއް ލިބިއްޖެއެވެ.

އެ خادم ދެންނެވިއެވެ. ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟ (ދެކަނޑު ގުޅުނުތާ އޮތް) ބޮޑު ހިލައިގެމަތީގައި ތިމަންމެން މަޑުކޮށްލިހިނދު، ހަމަކަށަވަރުން، ތިމަން އެ މަހުގެމަތިން ހަނދާންނެތުނީއެވެ. އަދި އެ މަހުގެމަތިން ތިމަން ހަނދާންކުރުން ހަނދާންނެތިކޮށްލީ، شيطان އާ ފިޔަވައި އެހެން އެއްޗެއްނޫނެވެ. އަދި އެ މަސް عجائب އެއްފަދަ ގޮތަކަށް ކަނޑުގެ ތެރެއިން އޭގެމަގު ހޯދައިގެން ހިނގައްޖެއެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން ބޭނުންވެގެން މިއުޅެނީ އެތަނެވެ. ދެން އެ ދެކަލުންގެ ފިޔަވަޅު ބައްލަވަމުން އެ ދެކަލުން އެނބުރި ފަހަތަށް ވަޑައިގެންފިއެވެ.

ދެން (އެތަނުން) އެ ދެކަލުންނަށް ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން (خاص) އަޅަކު ފެނިވަޑައިގަތެވެ. އެބޭކަލަކަށް ތިމަންރަސްކަލާނގެ حضرة ން رحمة އެއް ދެއްވީމެވެ. އަދި އެބޭކަލަކަށް ތިމަންރަސްކަލާނގެ حضرة ން خاص علم އެއް އުނގަންނައިދެއްވީމެވެ.

އެބޭކަލަކަށް موسى ގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަށް ދެއްވާފައިވާ علم ން ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާންކަމަށް، ކަލޭގެފާނަށް ތިމަންކަލޭގެފާނު تبع ވަންތޯއެވެ؟

އެބޭކަލަކު ވިދާޅުވިއެވެ. ހަމަކަށަވަރުން، ކަލޭގެފާނަކަށް ތިމަންކަލޭގެފާނާ އެކުގައި ކެތްކުރެއްވުމަކަށް ކުުޅަދާނަވެގެނެއް ނުވާނެތެވެ.

ކަލޭގެފާނަށް އެކަމެއްގެ حقيقة އެނގިވަޑައިނުގަންނަވާ ކަމެއްގެ މައްޗަށް ކަލޭގެފާނަށް ކެތްކުރެއްވޭނީ ފަހެ، ކޮންފަދައަކުންތޯއެވެ؟

އެކަލޭގެފާނު ވިދާޅުވިއެވެ. اللَّه އިރާދަކުރެއްވިއްޔާ، ތިމަންކަލޭގެފާނީ ކެތްތެރިޔަކުކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އެއްވެސް އަމުރަކަށް ކަލޭގެފާނަށް ތިމަންކަލޭގެފާނު ނުކިޔަމަންތެރިވެވަޑައެއް ނުގަންނަވާނަމެވެ.

އެބޭކަލަކު ވިދާޅުވިއެވެ. ފަހެ، ކަލޭގެފާނު ތިމަންކަލޭގެފާނާއެކު ވަޑައިގަންނަވަނީނަމަ، އެކަމެއްގެ ވާހަކައިން ތިމަންކަލޭގެފާނު ކަލޭގެފާނަށް ބަޔާންކޮށްދެއްވައިފުމަށް ދާންދެން އެއްވެސް ކަމަކާ ދޭތެރޭ ތިމަންކަލޭގެފާނާ سؤال ނުކުރައްވާށެވެ!

ދެން އެ ދެބޭކަލުން ކުރިޔަށް ހިންގަވައި ވަޑައިގެން، ނަވަށް އަރައިވަޑައިގެންނެވިހިނދު، އެބޭކަލަކު އެ ނައު ފޫދުއްވައިލައްވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެ ނައު ތިޔަ ފޫދުއްވައިލެއްވީ އޭގެ أهل ވެރިން غرق ކޮށްލެއްވުމަށްތޯއެވެ؟ ހަމަކަށަވަރުން، ކަލޭގެފާނު ތިޔަކުރެއްވީ ބޮޑުވެގެންވާ ނުބައިކަމެކެވެ.

އެބޭކަލަކު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނާއެކުގައި ކަލޭގެފާާނަށް ކެތްކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ ތިމަންކަލޭގެފާނު ނުދަންނަވަންތޯއެވެ؟

އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ހަނދުމަފުޅުނެތުން ކަލޭގެފާނު، ކަމަކަށް ނުހައްދަވާށެވެ! އަދި ތިމަންކަލޭގެފާނުގެ ކަންތަކަށް ދަތިކަމެއް، އުނދަގުލެއް ނުޖައްސަވާށެވެ!

ދެން އެދެބޭކަލުން ކުރިޔަށް ހިންގަވައި ވަޑައިގަންނަވަނިކޮށް، ކުޑަފިރިހެންކުއްޖަކާ ބައްދަލުވެވަޑައިގެންނެވި ހިނދު، އެބޭކަލަކު އެކުއްޖާ قتل ކުރައްވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެކަކުވެސް މަރާފައިނުވާ، ކުށެއްނެތް، طاهر نفس އެއް، ކަލޭގެފާނު ތިޔަ قتل ކުރެއްވީތޯއެވެ؟ ހަމަކަށަވަރުން، ކަލޭގެފާނު ތިޔަކުރެއްވީ ވަރަށްބޮޑު ނުބައިކަމެކެވެ.

އެބޭކަލަކު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނާ އެކުގައި ކަލޭގެފާނަށް ކެތްކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ، ތިމަންކަލޭގެފާނު ކަލޭގެފާނަކަށް ނުދަންނަވަންތޯއެވެ؟

އެކަލޭގެފާނު ވިދާޅުވިއެވެ. މީގެފަހުން އެއްވެސް ކަމަކާމެދު، ކަލޭގެފާނާ ތިމަންކަލޭގެފާނު سؤال ކުރައްވައިފިނަމަ، ކަލޭގެފާނާއެކު ތިމަންކަލޭގެފާނު ނުގެންދަވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ކިބައިން ކަލޭގެފާނަށް عذر އެއް ލިބިވަޑައިގެންފިއެވެ.

ދެން އެެ ދެބޭކަލުން ކުރިޔަށް ހިންގަވައިވަޑައިގަންނަވަމުން، ރަށެއްގެ أهل ވެރިބަޔަކާ ހަމަޔަށް ވަޑައިގެންނެވުނުހިނދު، އެރަށުގެ މީހުންގެ ކިބައިން ކާއެތިކޮޅަކަށް އެ ދެބޭކަލުން އެދިވަޑައިގަތެވެ. ފަހެ، އެއުރެން އެބޭކަލުންނަށް މެހުމާންދާރީ އަދާކުރުމަށް އިންކާރުކުޅައޫއެވެ. ދެން އެރަށުން ވެއްޓެންކައިރިވެފައިވާ ފާރެއް އެ ދެބޭކަލުން ދެކެވަޑައިގަތެވެ. ދެން އެބޭކަލަކު އެ ފާރު ތެދުކުރައްވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭގެފާނު ބޭނުންފުޅުނަމަ، އެކަމަށް އުޖޫރައެއް ހިއްޕެވިދާނެއެވެ.

އެބޭކަލަކު ވިދާޅުވިއެވެ. މިއީ ތިމަންކަލޭގެފާނާއި، ކަލޭގެފާނާ ދެމެދުގެ ވަކިވުމެވެ. ކަލޭގެފާނަށް އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައިނުގެންނެވުނު ކަންތައްތަކުގެ تفسير ތިމަންކަލޭގެފާނު، ކަލޭގެފާނަށް ކިޔައިދެއްވާ ހުށީމެވެ.

ނަވާމެދު ދަންނާށެވެ! ފަހެ، އެ ނައުވީ ކަނޑުގައި މަސައްކަތްކޮށްއުޅޭ مسكين ބަޔެއްގެ ނަވަކަށެވެ. ފަހެ، ތިމަންކަލޭގެފާނު އެ ނައު ހަލާކުކޮށްލެއްވުމަށް ގަސްދުކުރެއްވީ (ސަލާމަތުންވާ) ކޮންމެ ނަވެއް غصب ން އަތުލާ ރަސްކަލަކު އެމީހުންގެ ފަހަތުގައިވާތީއެވެ.

އަދި އެ ފިރިހެންކުއްޖާއާމެދު ދަންނާށެވެ! ފަހެ، އޭނާގެ މައިންބަފައިންވީ (ހެޔޮލަފާ) مؤمن ން ކަމުގައެވެ. ފަހެ، އެ ދެމީހުން އުރެދި كافر ވާ ދަރަޖައަށް އެދެމީހުންނަށް އެ ކުއްޖާ އުނދަގޫކޮށް، އަނިޔާދީފާނެކަމަށް ތިމަންކަލޭގެފާނު ބިރުގަތީއެވެ.

ފަހެ، ތިމަންކަލޭގެފާނު އެދިވަޑައިގަތީ، އެ ދެމީހުންގެ ވެރިރަސްކަލާނގެ، އެކުއްޖާއަށްވުރެ ހެޔޮވެގެންވާ صالح، އަދި އޯގާތެރިކަންބޮޑު ކުއްޖަކު އޭނާގެ ބަދަލުގައި އެދެމީހުންނަށް ދެއްވުމަށެވެ.

އަދި ފާރާމެދު ދަންނާށެވެ! ފަހެ، އެރަށުގައިވާ يتيم ދެކުދިންނަށް ލިބިގެންވާ ފާރެއްކަމުގައި އެ ފާރުވިއެވެ. އަދި އެ ފާރުގެ ދަށުގައި، އެދެކުދިންނަށް خزانة އެއް ވިއެވެ. އަދި އެ ދެކުދިންގެ ބައްޕާއަކީ، صالح މީހެއް ކަމުގައިވެސްވިއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވީ، އެ ދެކުދިން ބޮޑުވެ، ފުރާފުރިހަމަވުމުން، އެ ދެކުދިންގެ خزانة، އެ ދެކުދިން ނެރުމަށެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އޮތް رحمة އެއްގެ ގޮތުންނެވެ. އަދި ތިމަންކަލޭގެފާނު އެކަންތައްކުރެއްވީ، ތިމަންކަލޭގެފާނުގެ އަމިއްލަ رأى އަކަށް ނޫނެވެ. މިއީ ކަލޭގެފާނަށް އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައިނުގެންނެވުނު ކަންތަކުގެ تفسير އެވެ.

ذوالقرنين އާމެދު އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އޭނާގެ ވާހަކައިން ތިމަންކަލޭގެފާނު، ތިޔަބައިމީހުންނަށް ކިޔައިދެއްވާ ހުށީމެވެ.

ހަމަކަަށަވަރުން، ތިމަންރަސްކަލާނގެ އޭނާއަށް ބިމުގައި ކަންތައް ފަހިކޮށްދެއްވައި، ބާރުވެރިކޮށްދެއްވީމެވެ. އަދި ކޮންމެކަމަކުން، އޭނާއަށް މަގެއް ދެއްކެވީމެވެ.

ފަހެ، އޭނާ މަގަކުން ކުރިޔަށް ވަޑައިގަތެވެ.

އިރުއޮސްފުހޭ ތަނަށް އޭނާ ވަޑައިގަތުމަށް ދާނދެނެވެ. އެހިނދު ކަޅުކުލައިގެ ފެންގަނޑަކަށް އިރުއޮސްފުހޭތީ، އޭނާއަށް ފެނިވަޑައިގަތެވެ. އަދި އެތާނގެ ކައިރިން އޭނާއަށް قوم އެއްގެ މީހުން ފެނިވަޑައިގަތެވެ. ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭ ذوالقرنين އެވެ! އެހެންޏާ އެއުރެންނަށް ތިބާ އަދަބުދެއްވާށެވެ! އެހެންޏާ އެއުރެންނާމެދު އޯގާތެރިކޮށް ކަންތައް ކުރައްވާށެވެ!

އޭނާ ވިދާޅުވިއެވެ. އަނިޔާވެރިވީ މީހާއާމެދު (ދަންނާށެވެ!) ފަހެ، ނިކަންހުރެ އެމީހަކަށް އަހުރެމެން އަދަބު ދޭހުށީމުއެވެ. ދެން އޭނާގެ ވެރިރަސްކަލާނގެ حضرة އަށް އޭނާ ރައްދުކުރައްވާހުށްޓެވެ. ފަހެ، އެކަލާނގެ އެމީހަކަށް، ގަދަފަދަވެގެންވާ عذاب އެއް ދެއްވާހުށްޓެވެ.

އަދި إيمان ވެ، صالح عمل ކުރިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ހެޔޮ ޖަޒާހުށްޓެވެ. އަދި އެމީހަކަށް ތިމަންރަސްކަލާނގެ ފަސޭހަވެގެންވާގޮތެއް ދައްކަވާހުށީމެވެ.

ދެން އޭނާ އެހެންމަގަކުން ކުރިޔަށް ވަޑައިގަތެވެ.

އިރުއަރާތަނަށް އޭނާ ވަޑައިގަތުމަށް ދާނދެނެވެ. އެހިނދު، قوم އެއްގެ މީހުންގެ މައްޗަށް އިރުއަރާތީ، އޭނާއަށް ފެނިވަޑައިގަތެވެ. އިރުގެ ހޫނުން ސަލާމަތްވާނެ އެއްވެސްކަހަލަ ނިވަލެއް ތިމަންރަސްކަލާނގެ އެއުރެންނަކަށް ނުލައްވަމެވެ.

ކަންހުރީ އެފަދައިންނެވެ. ހަމަކަށަވަރުން، އޭނާގެ ކިބައިގައިވާހާ ކަމެއްގެ خبر، ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ.

ދެން އޭނާ، އެހެން މަގަކުން ކުރިޔަށް ވަޑައިގަތެވެ.

ދެފަރުބަދަ ދޭތެރެއަށް އޭނާ ވަޑައިގަތުމަށް ދާނދެނެވެ. އެތާނގެ ކައިރިން އޭނާއަށް ބަޔަކުމީހުން ފެނިވަޑައިގަތެވެ. އެއްވެސް ބަހެއް (އުނދަގުލަކާލައިގެން މެނުވީ) އެއުރެންނަށް އެނގުމަކާ ގާތްވެސް ނުވެއެވެ.

އެއުރެން ބުނެފޫއެވެ. އޭ ذوالقرنين އެވެ! ހަމަކަށަވަރުން، يأجوج مأجوج ބާގައިމީހުންނަކީ، ބިމުގައި ފަސާދަކޮށްއުޅޭ ބަޔެކެވެ. ފަހެ، ކަލޭގެފާނު ތިމަންމެންނާ އެއުރެންނާ ދެމެދުގައި ހުރަހެއް ލައްވައިދެއްވާންކަމަށް ކަލޭގެފާނަށް ތިމަންމެން ޖިޒީއެއް ދެންތޯއެވެ؟

އޭނާ ވިދާޅުވިއެވެ. ތިމަންގެ ވެރިރަސްކަލާނގެ އެކަމުގައި ތިމަންނައަށް ދެއްވާފައިވާ ބާރު (ތިޔަ ޖިޒީއަށްވުރެ) މާރަނގަޅެވެ. ފަހެ، ތިޔަބައިމީހުން ބާރެއްލައިދީ، ތިމަންނާއާ ވާގިވެރިވާށެވެ! އޭރުން ތިޔަބައިމީހުންނާ އެއުރެންނާ ދެމެދު ހުރަހެއް ލައިދޭހުށީމެވެ.

ތިމަންނާއަށް ދަގަނޑުގެ އެތިއެތިގަނޑު ގެނެސްދޭށެވެ! ދެން އެ ދެފަރުބަދަ ދޭތެރޭގައި އޮތްތަން އެއްވަރުވީހިނދު، އޭނާ ވިދާޅުވިއެވެ. އެ ދަގަނޑުތައް ދޮންވެ އަލިފާނަށް ވެއްޖައުމަށްދާނދެން ތިޔަބައިމީހުން ފުމޭށެވެ! އޭނާ ވިދާޅުވިއެވެ. ވިރުވާފައިވާ ރަންވަންލޮއި އޭގެމައްޗަށް އޮއްސައިލުމަށް ތިމަންނަޔަށް ގެނެސްދޭށެވެ.

ފަހެ، އެ ހުރަހުގެ މަތިން އެއުރެންނަށް އެރުމަކަށް ކުޅަދާނައެއް ނުވިއެވެ. އަދި އެ ހުރަސް ފޫއަޅުވައިލުމަކަށްވެސް، އެއުރެންނަކަށް ކުޅަދާނައެއް ނުވިއެވެ.

އޭނާ ވިދާޅުވިއެވެ. މިއީ ތިމަންގެ ވެރިރަސްކަލާނގެ حضرة ންވާ رحمة އެކެވެ. ފަހެ، ތިމަންގެ ވެރިރަސްކަލާނގެ وعد ފުޅު (ގެ ވަގުތު) އަތުވެއްޖެނަމަ، އެ ހުރަސް ކުނޑިކުނޑިވެގެން ހިނގައިދާހުށްޓެވެ. އަދި ތިމަންގެ ވެރިރަސްކަލާނގެ وعد ފުޅު، حق ތެދުކަމުގައިވިއެވެ.

އެދުވަހުން، ތިމަންރަސްކަލާނގެ އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް އުތުރިއަރާގޮތަށް ދޫކޮށްލައްވާހުށީމެވެ. އަދި ތާޅަފިލި ފުމެލައްވާހުށްޓެވެ. ފަހެ، އެހާރުން ތިމަންރަސްކަލާނގެ އެއުރެން އެންމެން (އެއްތަނަކަށް) އެއްކުރައްވާހުށީމެވެ.

އަދި އެދުވަހުން، ތިމަންރަސްކަލާނގެ كافر ންނަށް ފެންނަގޮތަށް ނަރަކަ ހުށަހަޅުއްވާހުށީމެވެ.

އެއުރެންނަކީ، ތިމަންރަސްކަލާނގެ ބާވައިލެއްވި قرآن ފިޔަވައި އެއުރެންގެ ލޯތައް ފަރުދާވެގެންވާ މީހުންނެވެ. އަދި (އެ قرآن) އަޑުއެހުމަކަށްވެސް އެއުރެންނަކަށް ކުޅަދާނަވެގެނެއް ނުވެތެވެ.

ތިމަންރަސްކަލާނގެ އަޅުންނީ ތިމަންރަސްކަލާނގެ ފިޔަވައި ވާގިވެރިން ކަމުގައި، كافر ވި މީހުން ހިފިހިފުން އެއީ، ތިމަންރަސްކަލާނގެ عذاب ން އެއުރެން ސަލާމަތްކޮށްދޭނޭ ކަމެއްކަމުގައި އެއުރެން ހީކުރީހެއްޔެވެ؟ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ނަރަކަ ތައްޔާރުކުރެއްވީ، كافر ން ތިބެނިވި ތަނެއްކަމުގައެވެ.

ކަލޭގެފާނު ވިދާޅުވާށެވެ! عمل ތައް އެންމެބޮޑަށް ގެއްލެނިވެގެންވާ މީހުންގެ خبر، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަންގަވައިދެއްވަން ހެއްޔެވެ؟

އެއުރެންނަކީ دنيوى حياة ގައި، އެއުރެންގެ عمل ތައް باطل ވެ، ގެއްލިފައިވާ މީހުންނެވެ. އަދި އެއުރެން ރަނގަޅަށް ކަންތައްކުރާކަމަށް އެއުރެން ހީކުރެތެވެ.

އެއުރެންނަކީ، އެއުރެންގެ ވެރިރަސްކަލާނގެ آية ތަކަށާއި، އެކަލާނގެއާ ބައްދަލުވާންޖެހޭނެކަމަށް كافر ވި މީހުންނެވެ. ފަހެ، އެއުރެންގެ عمل ތައް باطل ވެފައިވެއެވެ. ފަހެ، قيامة ދުވަހުން އެއުރެންނަކަށް (އެބަހީ: އެއުރެންގެ عمل ތަކަކަށް) ތިމަންރަސްކަލާނގެ އެއްވެސް ބަރުދަނެއް ނުލައްވާހުށީމެވެެ.

އެއީ އެއުރެންގެ ޖަޒާއެއްކަމުގައިވާ ނަރަކައެވެ. އެއީ އެއުރެން كافر ވެ އަދި ތިމަންރަސްކަލާނގެ آية ތަކާއި، ތިމަންރަސްކަލާނގެ رسول ންނީ ފުރައްސާރައެއް ކަމުގައި ހެދިކަމަށްޓަކައެވެ.

ހަމަކަށަވަރުން، إيمان ވެ، صالح عمل ތައް ކުޅަމީހުންނަށް އެއުރެން ތިބެނިވި ތަނެއްކަމުގައި، فردوس އޭ ކިއުނު ސުވަރުގެތައް ވެއެވެ.

އެއުރެން އެތަންފިޔަވައި، އެހެންފަރާތަކަށް އެނބުރިދިއުމަށް ނޭދި، އެތާނގައި ދެމިތިބޭ حال ގައެވެ.

ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ كلمة ފުޅުތަކަށް ދަވާދެއްކަމުގައި ކަނޑުވީނަމަ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ كلمة ފުޅުތައް (ލިޔެ) ހުސްވުމުގެކުރިން ކަނޑު ހުސްވެއްޖައީހެވެ. ތިމަންރަސްކަލާނގެ އެފަދަ އެހެންކަނޑެއް އިތުރަށް ގެނެސްދެއްވިނަމަވެހެވެ.

ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ތިޔަބައިމީހުންކަހަލަ آدم ގެދަރިޔަކު ކަމުގައެވެ. ތިމަންކަލޭގެފާނަށް وحى އިއްވަވަނީ، ތިޔަބައިމީހުންގެ إله އަކީ، އެއް إله އެއް ކަމުގައެވެ. ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާ صالح عمل ން عمل ކުރާ ހުށިކަމެވެ! އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސްމީހަކު ބައިވެރި ނުކުރާހުށިކަމެވެ!
Icon